ހ. ފަސްމަންޒަރުގެ މަޢުލޫމާތު
1މިހާރު ތިޔަ އަދާކުރައްވާ ދައުރާއި ޒިންމާތައް ކުރުގޮތަކަށް ބަޔާންކޮށްދެއްވިދާނެތޯ؟
އާދެ، އަޅުގަނޑު މ. އަތޮޅު ކައުންސިލްގެ އިދާރާއާ އެންމެ ފުރަތަމަ ގުޅުނީ އިކޮނޮމިކް ޑިވެލޮޕްމެންޓް ސެކްޝަންގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމަށެވެ. އެ ދުވަސްވަރު އަޅުގަނޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނުނީ އަތޮޅު ކައުންސިލްގެ ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި މަސައްކަތްތައް ހިންގުމާއި، އަތޮޅުގެ ރަށު ކައުންސިލްތަކުގެ ހިންގުން ގާތުން މޮނިޓަރކޮށް ބެލެހެއްޓުމެވެ.
އޭގެ ފަހުން، މި އިދާރާގެ ޑިރެކްޓަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ލިބި، އެ މަގާމަށް ހޮވުމާ ގުޅިގެން އަދި އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއެކު، މިހާރު އަޅުގަނޑު އަދާކުރަމުން މިދަނީ 'އެޓޯލް ސަޕޯޓް ސާވިސް' ގެ އެންމެ އިސްވެރިޔާ (ހެޑް) ގެ މަގާމެވެ.
މި ދައުރުގައި އަޅުގަނޑުގެ މައިގަނޑު ޒިންމާއަކީ މ. އަތޮޅުގެ އެންމެހައި ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން މޮނިޓަރކުރުމާއި، އެ ކައުންސިލްތަކުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަރުދަނާކަމާއެކު ދިނުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޚާއްސަކޮށް، ޒަމާނީ ޓެކްނޮލޮޖީއާއި އައި.ސީ.ޓީ (ICT) ގެ ވަސީލަތްތައް މެދުވެރިކޮށް ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، އޮފީހުގެ ހިންގުން ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެއްބާރުލުމާއި ފަންނީ ލަފާ ފޯރުކޮށްދިނުމަކީ މިހާރު އަޅުގަނޑު އެންމެ އިސްކަމެއް ދީގެން ވިލަރެސްކުރާ އެއް މަސައްކަތެވެ.
2ލޯކަލް ގަވަރމަންޓް އިދާރާތަކުގައި މަސައްކަތްކުރައްވާތާ ކިހާ ދުވަހެއް ވެއްޖެތޯ؟
ލޯކަލް ގަވަރމަންޓް ދާއިރާގައި، މ. އަތޮޅު ކައުންސިލްގެ އިދާރާގައި އަޅުގަނޑު ޚިދުމަތްކުރާތާ މިއަދަށް މިއީ 4 އަހަރާއި 11 މަހާއި 1 ދުވަހެވެ.
ށ. މުއައްސަސާއަށް ގެނެވުނު އިސްލާޙީ ބަދަލުތައް (ރީސްޓްރަކްޗަރިންގ)
މ. އަތޮޅު ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް އަވަސް އަދި ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި އިދާރާގެ އޮނިގަނޑަށް ވަނީ މުހިންމު އިސްލާޙީ ބަދަލުތަކެއް (ރީސްޓްރަކްޗަރިންގ) ގެނެވިފައެވެ. މިގޮތުން، ކުރިން ހުރި އެކި ސެކްޝަންތަކާއި ޔުނިޓްތަކުން ވަކިވަކިން ކުރަމުންދިޔަ އެންމެހައި މަސައްކަތްތައް ސްޓްރީމްލައިންކޮށް، މައިގަނޑު 3 ސެކްޝަނަކަށް މިހާރު ވަނީ ބަހާލެވިފައެވެ. އެއީ:
- އެޓޯލް ސަޕޯޓް ސާވިސް: މ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ހިންގުން މޮނިޓަރކުރުމާއި، އެ ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން (ޚާއްސަކޮށް އައި.ސީ.ޓީގެ ދާއިރާއިން) ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ސެކްޝަން.
- އެޓޯލް ޑިވެލޮޕްމަންޓް ސާވިސް: އަތޮޅުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ އެކި ޕްރޮޖެކްޓްތަކާއި، ޕްލޭނިންގ އަދި ތަރައްގީގެ ކަންކަން ވިލަރެސްކުރާ ސެކްޝަން.
- ކޯޕަރޭޓް ސާވިސް: އަތޮޅު ކައުންސިލް އިދާރާގެ އެތެރޭގެ އިދާރީ ހިންގުމާއި، އެޗް.އާރް، ބަޖެޓް އަދި ޕްރޮކިއުމަންޓާއި ފައިނޭންސްގެ އެންމެހައި ކަންކަން ބަލަހައްޓާ ސެކްޝަން.
މި އައު އޮނިގަނޑުގެ ދަށުން ކޮންމެ ސެކްޝަނެއްގެ އިސްވެރިއެއްގެ ގޮތުގައި، ސެކްޝަންގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށްޓަކައި 'ކައުންސިލް އެގްޒެކެޓިވް' އެއް ވަނީ ހަމަޖައްސާފައެވެ. މި ބަދަލުގެ ސަބަބުން މަސައްކަތްތަކުގެ ޒިންމާދާރުކަން އިތުރުވެ، ނަތީޖާ ހާސިލުކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވެއެވެ.
3އަތޮޅު ކައުންސިލް އުވާލުމާ ގުޅިގެން މީމު އަތޮޅު އޮފީހުގެ އިދާރީ ޒިންމާތަކަށް ކޮށްފައިވަނީ ކޮންކަހަލަ އަސަރެއްތޯ؟
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާޙުތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް އައި ބަދަލުތަކާ ގުޅިގެން، އަތޮޅު ފެންވަރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މިގޮތުން ކުރިން އަތޮޅު އޮފީހުންނާއި އަތޮޅު ކައުންސިލުން ސީދާ ރައްޔިތުންނަށް ފޯރުކޮށްދެމުންދިޔަ ގިނަ ޚިދުމަތްތަކަކާއި އިދާރީ ބާރުތަކެއް ވަނީ ރަށު ކައުންސިލްތަކަށް ބަދަލުކުރެވިގެން ގޮސްފައެވެ.
މި ބަދަލާ ގުޅިގެން މ. އަތޮޅު ކައުންސިލްގެ އިދާރީ ޒިންމާތަކަށް އައި މައިގަނޑު އަސަރުތަކަކީ:
ސީދާ ޚިދުމަތް ދިނުމުގެ ބަދަލުގައި ވިލަރެސްކުރާ އިދާރާއަކަށް ބަދަލުވުން
ކުރިން ރައްޔިތުންނާ ގުޅުންހުރި ކަންކަން ސީދާ އަތޮޅު ފެންވަރުގައި ހިންގުމުގެ ބަދަލުގައި، މައިގަނޑު ޒިންމާއަކަށް ވެގެންދިޔައީ ރަށު ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ފަންނީ ގޮތުންނާއި އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މޮނިޓަރިންގ އަދި ސަޕޯޓްގެ ދައުރު ފުޅާވުން
ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކާއި ކައުންސިލްތަކުގެ ޚިދުމަތްތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްދޭތޯ ބެލުމުގެ މޮނިޓަރިންގ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ދިޔައެވެ. އަދި ކައުންސިލްތަކަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް "އެޓޯލް ސަޕޯޓް" ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރުވިއެވެ.
ވަސީލަތްތަކާއި މުވައްޒަފުންގެ ދައުރު ބަދަލުވުން
އިދާރީ ޒިންމާތަކަށް އައި ބަދަލާއެކު، އޮފީހުގެ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައި، މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ރަށު ކައުންސިލްތަކަށް ބޭނުންވާ ޓެކްނިކަލް، އައި.ސީ.ޓީ އަދި ޕްލޭނިންގ ސަޕޯޓް ދިނުމަށް އަމާޒުކޮށް ބަދަލުކުރެވިފައެވެ.
ޚުލާސާކޮށް ދަންނަވާނަމަ، މި ބަދަލުގެ ސަބަބުން ސީދާ އިދާރީ ވެރިކަން ހިންގުމުގެ ބާރުތައް ރަށްރަށަށް ދޫކޮށްލެވި، އަތޮޅު އިދާރާގެ ދައުރު ވަނީ ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުވައި، ފަންނީ ގޮތުން އެހީތެރިވެދޭ މަރުކަޒަކަށް ބަދަލުވެގެން ގޮސްފައެވެ.
4އިދާރީ އިޖުރާއާތުތަކަށާއި މަސައްކަތުގެ އިންތިޒާމުތަކަށް އައިސްފައިވާ މައިގަނޑު ބަދަލުތަކަކީ ކޮބައިތޯ؟
އިދާރީ އޮނިގަނޑަށް ގެނެވުނު އިސްލާޙީ ބަދަލުތަކާ ގުޅިގެން، މ. އަތޮޅު ކައުންސިލްގެ އިދާރީ އިޖުރާއާތުތަކަށާއި ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތަކުގެ އިންތިޒާމުތަކަށް ވަރަށް ހެޔޮ އަދި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވެނީ:
ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލައިޒޭޝަން ތައާރަފުކުރުން
ކުރިން ކަރުދާހުގައި ކުރަމުންދިޔަ ގިނަ އިދާރީ މުއާމަލާތްތަކާއި ލިޔެކިޔުންތައް، ޖެމްސް (GEMS) އަދި އެހެނިހެން އޮންލައިން ސިސްޓަމްތަކަށް ބަދަލުކުރެވި، ލިޔެކިޔުންތައް ބަދަލުކުރުމުގެ ދުވެލި ވަނީ އެތައް ގުނައަކަށް އަވަސްވެފައެވެ. މީގެ އިތުރުން، ރަށު ކައުންސިލްތަކާއެކު ބާއްވާ ބައްދަލުވުންތައް ވާޗުއަލްކޮށް (އޮންލައިންކޮށް) ބޭއްވޭނެ އިންތިޒާމު ހަމަޖެހި، ވަގުތާއި ޚަރަދު ވަރަށް ބޮޑަށް ސަލާމަތްކުރެވިފައިވެއެވެ.
މަސައްކަތުގެ ދާއިރާތައް ސާފުކޮށް ކަނޑައެޅި، ޖަވާބުދާރީވުން އިތުރުވުން
ކުރިން އެކި ޔުނިޓްތަކުގެ މެދުގައި މަސައްކަތްތައް ފުށުއަރާ ގޮތަށް ހުރި ނަމަވެސް، އައު 3 ސެކްޝަނަށް ބަހާލުމާއެކު ކޮންމެ މުވައްޒަފެއްގެ އަދި ކޮންމެ ސެކްޝަނެއްގެ މަސްއޫލިއްޔަތުތައް ވަކިކޮށް އެނގެން އޮވެއެވެ. އަދި ކޮންމެ ސެކްޝަނަކަށް ކައުންސިލް އެގްޒެކެޓިވެއް ހުރުމުން، ނިންމުންތައް ނިންމުމުގެ އިޖުރާއާތުތައް އަވަސްވެ، ކަންކަމުގައި ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާވެގެން ދިޔައެވެ.
މޮނިޓަރިންގ އަދި ރިޕޯޓިންގ ނިޒާމު ހަރުދަނާވުން
ރަށު ކައުންސިލްތަކުގެ ހިންގުން ބެލެހެއްޓުމަށްޓަކައި ގަވާއިދުން މައުލޫމާތު ބަދަލުކުރެވޭނެ އުސޫލުތަކާއި، ކައުންސިލްތަކުގެ މައްސަލަތައް ދެނެގަނެ ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ސަޕޯޓް މެކޭނިޒަމްތައް ވަނީ ގާއިމުކުރެވިފައެވެ. މީގެ ސަބަބުން ކައުންސިލްތަކުން ފޮނުވާ ރިޕޯޓްތައް ދިރާސާކުރުމާއި، ގާނޫނީ އަދި އިދާރީ ލަފާ ދިނުމުގެ އިޖުރާއާތުތައް އެއް އުސޫލަކަށް ފެތުރިގެން ދިޔައެވެ.
ސަރވިސް ޑެލިވަރީ އަވަސްވުން
އިދާރީ މޭޒުތަކުގެ މެދުގައި ލިޔެކިޔުންތައް ދައުރުވާ ވަގުތު ކުޑަކުރެވި، ޕްރޮކިއުމަންޓާއި، ބަޖެޓުގެ ކަންކަމާއި އަދި އާންމު އިދާރީ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އެސް.އޯ.ޕީ (SOP) ތަކަށް އަމަލުކުރަން ފެށުމުން، ޚިދުމަތް ދިނުމުގެ ފެންވަރު ވަނީ މަތިވެފައެވެ.
5އައު އޮނިގަނޑަށް ބަދަލުވުމުގެ މަރުޙަލާގައި ތަޙައްމަލުކުރަންޖެހުނު ގޮންޖެހުންތަކަކީ ކޮބައިތޯ؟
އައު އޮނިގަނޑަށް ބަދަލުވުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މުވައްޒަފުންގެ މަޤާމުތަކާއި މަސްއޫލިއްޔަތުތަކަށް އައި ބަދަލުތަކަށް އަހުލުވެރިވުމެވެ. މީގެއިތުރުން، ބައެއް ޓެކްނިކަލް މަޤާމުތަކަށް އެކަށީގެންވާ ފަންނީ މީހުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުނެވެ. އަދި ބަދަލުވަމުންދިޔަ މަރުޙަލާގައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށްޓަކައި އެތެރޭގެ އިންތިޒާމުތައް އަލުން އެކުލަވައިލުމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ.
ނ. މެނޭޖްމަންޓް / ހިންގުން
6މި ގެނެވުނު ބަދަލުގެ ސަބަބުން މުވައްޒަފުންގެ ކަންކަމަށާއި، ބަޖެޓަށާއި، ޕްލޭނިންގ އަދި މަސައްކަތުގެ ބުރަމިނަށް ކޮށްފައިވަނީ ކޮންކަހަލަ އަސަރެއްތޯ؟
- މުވައްޒަފުންގެ ކަންކަން: ޒިންމާތައް ސާފުވެ، ވަކިވަކި ޔުނިޓްތަކަށް މަސައްކަތްތައް ބެހިގެންދިޔުމުން މުވައްޒަފުންގެ ހިންގުންތެރިކަމަށް ހެޔޮ ބަދަލެއް އައެވެ.
- ބަޖެޓް: އައު މަޤާމުތަކާއި އޮނިގަނޑަށް މީހުން އައްޔަންކުރުމާ ގުޅިގެން އިދާރީ ހިންގުމުގެ ޚަރަދުތަކަށް ބަދަލުތަކެއް އައިސް، ބަޖެޓަށް ކޮންމެވެސް ވަރެއްގެ ބުރައެއް އިތުރުވިއެވެ.
- ޕްލޭނިންގ: ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތަށް އަހަރީ މަސައްކަތު ތާވަލު އެކުލަވާލުމަށް ފަސޭހަވެގެންދިޔައެވެ.
- މަސައްކަތުގެ ބުރަމިން: ފުރަތަމަކޮޅު މަސައްކަތުގެ ބުރަކަން ބޮޑުވި ނަމަވެސް، މަޤާމުތަކަށް މީހުން ހަމަޖެހުމުން މަސައްކަތްތައް ބެހިގެންގޮސް ވަކިވަކި މުވައްޒަފުންނަށް ކުރިމަތިވި ބުރަދަން ލުއިވެގެންދިޔައެވެ.
7ތިޔަބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި އައު އޮނިގަނޑުގެ ސަބަބުން އިދާރީ ހިންގުން ހަރުދަނާވެ، މަސައްކަތުގެ ދުވެލި ހަލުވިވިތޯ؟ އެއީ ކީއްވެގެން ނުވަތަ ނޫންނަމަ އެހެން އެވީ ކީއްވެގެންތޯ؟
އާއެކެވެ. އިދާރީ ހިންގުން ވަރަށް ބޮޑަށް ހަރުދަނާވެ، މަސައްކަތުގެ ދުވެލި ހަލުވިވިއެވެ. އެއީ ކުރިން އެކަކު ގިނަ މަސައްކަތްތަކެއް ކުރަންޖެހި ލަސްވަމުންދިޔަ ދިއުމަށް ޙައްލެއް ލިބި، ކޮންމެ ސެކްޝަނަކަށް ޚާއްޞަ ޒިންމާތަކެއް ކަނޑައެޅިގެން ދިޔުމުންނެވެ. މީގެ ސަބަބުން ނިންމުންތައް އަވަހަށް ނިންމުމަށާއި، ލިޔެކިޔުންތައް ޕްރޮސެސްކުރުމަށް ފަސޭހަވެގެންދިޔައެވެ.
8ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ ކަންކަން ހިންގުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވެފައިވޭތޯ؟ އެއީ ކޮން ދަތިތަކެއްތޯ؟
ބައެއް ދަތިތައް ފާހަގަކުރެވުނެވެ. އޭގެތެރޭގައި ސެކްޝަންތަކުގެ މެދުގައި ވިލަރެސްކުރުމުގައި ފުރަތަމަކޮޅު ދިމާވި މުޢާމަލާތުގެ ލަސްކަމާއި، ބައެއް ޒިންމާތައް ފުށުއަރާގޮތްވުން ހިމެނެއެވެ. އަދި ބައެއް ޓެކްނިކަލް ސޮފްޓްވެއަރތަކާއި ޑިޖިޓަލް ނިޒާމުތަކަށް އެންމެން ފަރިތަނުވުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވިއެވެ.
ރ. ވިލަރެސްކުރުމާއި ޚިދުމަތް ފޯރުކޮށްދިނުން
9އެލް.ޖީ.އޭ އޮފީހާއި، ރަށު ކައުންސިލްތަކާއި އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުމާއި ވިލަރެސްކުރުމުގެ ކަންކަމަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްތޯ؟
މުއައްސަސާތަކާ އޮންނަ ގުޅުން ކުރިއަށްވުރެ ރަސްމީވެ، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން ހިނގަން ފެށިއެވެ. ޚާއްޞަކޮށް ރަށު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކި ޔުނިޓެއް ކަނޑައެޅިފައި އޮތުމުން، ރަށްރަށުން އެދޭ ކަންކަމަށް އަވަސް ޖަވާބެއް ދިނުމާއި، އެލް.ޖީ.އޭގެ އިރުޝާދުތައް ތަންފީޛުކުރުމުގައި ކުރިއަށްވުރެ ބޮޑު ފަސޭހަކަމެއް ލިބިގެންދިޔައެވެ.
10މުއައްސަސާއަށް ގެނެވުނު ބަދަލަށްފަހު، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި އެ ޚިދުމަތްތައް ވިލަރެސްކުރުމަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ؟
އައު އޮނިގަނޑާއެކު ޚިދުމަތް ދިނުމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވިއެވެ. ޢާންމު ރައްޔިތުންނަށާއި ރަށު ކައުންސިލްތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި ހުއްދަތައް ދޫކުރުމުގެ މަރުޙަލާތައް ކުރުވެގެންދިޔައެވެ. އަދި އަތޮޅު ފެންވަރުގައި ވިލަރެސްކުރަންޖެހޭ ޚިދުމަތްތައް ދެނެގަނެ، އެކަންކަން ހިންގުމުގައި ދެފުށްފެންނަ ގޮތެއްގައި ކަންކަން ތަރުތީބުވެގެންދިޔައެވެ.
11މުޢާމަލާތުކުރުމުގައްޔާއި ވިލަރެސްކުރުމުގައި ފާހަގަކުރެވުނު ގޮންޖެހުންތަކަކީ ކޮބައިތޯ؟
އެންމެ ބޮޑު ގޮންޖެހުމަކީ އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިދާރީ ޤާބިލުކަން އެއްވަރެއްގައި ނެތުމުގެ ސަބަބުން މުޢާމަލާތު ކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި ބައެއް ވުޒާރާތަކުން ނިންމާ ނިންމުންތައް އަތޮޅު ކައުންސިލަށް އެންގުމުގައި ލަސްވުމާއި، ބައެއް މަޢުލޫމާތުތައް ޙިއްޞާކުރުމުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް އެއްހަމައެއްގައި ބޭނުންނުކުރެވުން ހިމެނެއެވެ.
ބ. ޒިންމާދާރުކުރުވުމާއި އިޞްލާޙުކުރުން
12އައު އޮނިގަނޑުގެ ދަށުން އިދާރީ ޒިންމާތަކާއި ޖަވާބުދާރީވުމުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ކިހިނެއްތޯ؟
ކޮންމެ މުވައްޒަފެއްގެ އަދި ސެކްޝަނެއްގެ ޓާގެޓްތައް (KPIs) ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ބެލޭނެ ނިޒާމެއް މެދުވެރިކޮށެވެ. މީގެއިތުރުން، ކައުންސިލްގެ ކޮމިޓީތަކަށާއި އިސްވެރިންނަށް ކޮންމެ މަހަކު މަސައްކަތުގެ ރިޕޯޓު ހުށަހެޅުމާއި، އިންޓަރނަލް އޮޑިޓްތަކުގެ ޒަރީޢާއިން މާލީ އަދި އިދާރީ ޒިންމާދާރުކަން ކަށަވަރުކުރެވެއެވެ.
13މި ބަދަލުގެ ސަބަބުން ކަންކަން އިތުރަށް ރަނގަޅުކުރުމަށް ފަހިވެގެންދިޔައީ ކޮން ފުރުޞަތުތަކެއްތޯ؟
މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީނުތައް ދިނުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް ބޭނުންކޮށްގެން ކަރުދާސް މަދު އޮފީހަކަށް ވާސިލުވުމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ސީދާ އަތޮޅު ކައުންސިލުން މޮނިޓަރކުރުމަށް މަގުފަހިވެގެންދިޔައެވެ.
14އިދާރީ ހިންގުމުގެ ނަތީޖާ ހަރުދަނާކުރުމަށާއި، ރަށު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިޔަބޭފުޅާ ލަފާދެއްވާނީ ކޮން ފިޔަވަޅުތަކެއް އެޅުމަށްތޯ؟
- ދެމެހެއްޓެނިވި ތަމްރީނު ޕްރޮގްރާމްތައް: ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް މާލީ، އިދާރީ އަދި ޕްލޭނިންގ ދާއިރާއިން އަމާޒުކޮށްގެން ސިލްސިލާ ތަމްރީނުތައް ހިންގުން.
- ޑިޖިޓަލް ނިޒާމުތައް އެއްވިއުގައަކުން ގުޅާލުން: އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ފަސޭހައިން މުޢާމަލާތުކުރެވޭނެ އެއް ސިސްޓަމަކުން ގުޅާލުން.
- ޤަވާޢިދުން ބައްދަލުވުންތައް ބޭއްވުން: މަހަކު އެއްފަހަރު ރަށު ކައުންސިލްތަކުގެ އިސްވެރިންނާއެކު މަސައްކަތްތައްާޖަޢާކޮށް، ދިމާވާ ދަތިތައް ދެނެގަނެ ޙައްލު ހޯދުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުން.
- ފަންނީ އެހީތެރިކަން ދިނުމުގެ ނިޒާމު ހަރުދަނާކުރުން: އިންޖިނިއަރިންގ، ލީގަލް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ޚާއްޞަ ދާއިރާތަކުން ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އަތޮޅު ކައުންސިލުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- މޮނިޓަރިންގ އަދި އިވެލުއޭޝަން ހަރުދަނާކުރުން: މަސައްކަތްތަކުގެ ކުރިއެރުމާއި ނަތީޖާ ވަޒަންކުރުމަށްޓަކައި ޤަވާޢިދުން އިންސްޕެކްޝަންތައް ކުރިއަށްގެންގޮސް، ފެންނަ ރަނގަޅުކުރަންޖެހޭ ކަންކަމަށް އަވަސް އިޞްލާޙީ ފިޔަވަޅުތައް އެޅުން.
ނިންމާލުމުގެ ސުވާލު
15މީމު އަތޮޅުގެ ލޯކަލް ގަވަރނަންސްއަށް (ލާމަރުކަޒީ ހިންގުމަށް)، މުއައްސަސާއަށް ގެނެވުނު އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ކޮށްފައިވާ އަސަރުތަކާ ގުޅޭގޮތުން އިތުރަށް ޙިއްޞާކުރައްވަން ބޭނުންފުޅުވާ އެއްވެސް ވާހަކައެއް އެބައޮތްތޯ؟
އާދެ، މި މައުޟޫޢުގައި އެންމެ ބޮޑު ކަންބޮޑުވުމަކާއެކު ފާހަގަކުރަންޖެހެނީ ޤާނޫނަށް ގެނެވުނު އެންމެ ފަހުގެ ބަދަލުތަކާއެކު އަތޮޅު ފެންވަރުގެ ހިންގުމުގެ ނިޒާމަށް އައިސްފައިވާ ބޮޑެތި ލޮޅުންތަކާއި އޭގެ ނޭދެވޭ އަސަރުތަކެވެ.
އަތޮޅު ކައުންސިލްތައް އުވާލައި، އެލް.ޖީ.އޭގެ ބެލުމުގެ ދަށަށް ބަދަލުކޮށް، އަތޮޅު ކައުންސިލްތަކުގެ އެސް.ޖީން ވަކިކުރެވުނެވެ. އަދި އިދާރާގެ ނަން "ލޯކަލް ގަވަރމަންޓް އޮތޯރިޓީ މ. އަތޮޅު އޮފީސް" ގެ ނަމަށް ބަދަލުވެ ގާތްގަނޑަކަށް 4 މަސްދުވަސް ވީތަނާހެން، އަނެއްކާވެސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް މުއައްސަސާ ބަދަލުވެ، ނަން "ސަރުކާރުގެ ޚިދުމަތް މަރުކަޒު - މ. އަތޮޅު" ގެ ނަމަށް މިވަނީ ރީބްރޭންޑް ކުރެވިފައެވެ.
މިގޮތަށް ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް އިދާރީ އޮނިގަނޑާއި ބެލެނިވެރި ފަރާތް ބަދަލުވަމުން ދިޔަ ނަމަވެސް، އެންމެ ހިތާމަވެރި އަދި ކަންބޮޑުވާންޖެހޭ ކަމަކީ އަތޮޅު ކައުންސިލްތައް އުވާލި ފަހުން މިއަދާ ހަމައަށްވެސް މި އިދާރާއިން އަދާކުރަންޖެހޭ ސާފު މެންޑޭޓެއް ނުވަތަ ދުވަހުން ދުވަހަށް ކުރަންވީ ކޮން މަސައްކަތްތަކެއްކަން ސަރުކާރުގެ އެއްވެސް ފަރާތަކުން ސާފުކޮށްދީ، ބުނެދެވިފައި ނެތުމެވެ. އެތައް މުވައްޒަފުންނަކަށް ދަޢުލަތުގެ ބަޖެޓުން ކޮންމެ މަހަކު މުސާރަ ބަރާބަރަށް ދެމުންދިޔަ ނަމަވެސް، އެ މުވައްޒަފުންގެ ފަރާތުން ހާސިލުކުރަންވީ ނަތީޖާއެއް އަދި ދެން ކުރިއަށްދާންވީ ދިމާއެއް މިއަދާ ހަމައަށްވެސް އެނގޭކަށް ނެތެވެ. މީގެ ސަބަބުން މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި މާޔޫސްކަން އުފެދި، އަތޮޅުގެ ލާމަރުކަޒީ ޚިދުމަތްތަކުގެ ދުވެލި ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.
އެހެންކަމުން، މި ބޮޑު އިސްރާފާއި ވާނުވާ ނޭނގުމުގެ ހާލަތަށް އަވަސް ޙައްލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އިސްނަންގަވައި، "ސަރުކާރުގެ ޚިދުމަތް މަރުކަޒު" ގެ ދަށުން މުވައްޒަފުން އަދާކުރަންވީ މަސްއޫލިއްޔަތުތައް ވީއެންމެ އަވަހަކަށް ކަނޑައަޅައި، ރަށު ކައުންސިލްތަކަށާއި ރައްޔިތުންނަށް ދޭންވީ ޚިދުމަތްތަކުގެ އޮނިގަނޑު ސާފުކޮށްދީ، މިހާރު ލަސްވަމުންދާ ކަންކަން ވީހާވެސް އަވަސްކޮށްދިނުމަކީ މުޅި އަތޮޅުގެ ރައްޔިތުންނާއި މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެކެވެ.